ފުވައްމުލަކުގެ އިޖްތިމާޢީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ފުވައްމުލަކުގެ ރައްޔިތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމެއް ހުށަހަޅުއްވައިފި (27.12.2010)

ޏ.ފުވައްމުލަކުގެ އިޖްތިމާޢީ ހަލާތާމެދު ކަންބޮޑުވުން ފާޅުކޮށް، ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޮއިކުރައްވާފައިވާ ލިޔުމެއް، އެރަށުގެ 4 ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައި މިއަދު ހުށަހަޅުއްވައިފިއެވެ.
މިލިޔުމަކީ ފުވައްމުލަކުގެ އިޖްތިމާޢީ ހާލަތު ދުވަހުންދުވަހަށް ގޯސްވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން 1225 މީހުން ހުށަހަޅުއްވާފައިވާ ލިޔުމެކެވެ. މިގޮތުން އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި މާރާމާރީއާއި މީހުންގެ ފުރާނައަށް ގެއްލުންދިނުން އިތުރުވެފައިވާކަމަށް އެލިޔުމުގައި ހާމަކުރައްވާފައިވެއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވައި ދެއްވުމަށް ޝަރުޢީ ނިޒާމު ފުހިހަމަ ގޮތުގައި ހިންގެވުމަށް ބޭނުންވާ އެންމެހާ ޤާނޫނުތައް ފާސްކޮށްދެއްވުމަށް އެބޭފުޅުން މަޖިލީހުގެ ރައީސާއި މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މިލިޔުން މަޖިލީހުގެ ރައީސަށް ހުށަހެޅުއްވީ ފުވައްމުލައް ކްރައިމް ޕްރިވެންޝަންގެ ޗެއަރޕާސަން ޢަބްދުﷲ ރަޝީދު، ފުވައްމުލައް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ މަސްޢޫލުވެރިޔާ ފަތުޙުﷲ މުފީދު، ފައިސަލް ފައުންޑޭޝަންގެ ބޭފުޅެއްކަމުގައިވާ ޢަލީ ޒާހިރު އަދި މަލޭ ގަމު ޔޫތް ފައުންޑޭޝަންގެ ބޭފުޅެއްކަމުގައިވާ އަބްދުﷲ މުޙައްމަދު ދީދީ އެވެ.
މަޖިލީހުގެ ރައީސް ވަނީ މިމައްސަލަ މެންބަރުންގެ ސަލާމުކަމަށް ގެންނަވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.