2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ރޭ ނިންމަވާލައްވައިފި (21 ޑިސެމްބަރ 2010)

ރޭގެ 8:30ގައި ފެށުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމަވާލައްވައިފިއެވެ. ބަޖެޓްގެ ބަހުސްގެ މަރުހަލާގައި ޖުމުލަ 57 މެންބަރަކުވަނީ ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ބަޖެޓްގެ ބަހުސް ބޭއްވުނު 2 ދުވަހުގެ ތެރޭގައި ޖުމުލަ 11 ގަޑިއިރާއި 45 މިނެޓް ބަޖެޓްގެ ބަހުސަށް މެންބަރުން ހޭދަކުރައްވާފައިވެއެވެ. ގިނަ ވަގުތުތަކަކަށް ކުރިއަށްގެންދެވުނު ބަޖެޓު ބަހުސްގައި ބައެއް ދާއިރާތަކަށް ކަނޑައަޅުއްވާފައިވާ ފައިސާގެ ޢަދަދުތަކުގެ ތަފްސީލުތައް ބަޖެޓްގައި ހިމަނާފައިނުވާކަން އެދާއިރާތަކުގެ މެންބަރުންގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓް ބަހުސްގެ މަރުޙަލާ ރޭ ކުރިއަށް ގެންދެވުނުއިރު، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުންތައްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. ރޭގެ ބަޖެޓްގެ ބަހުސް ނިންމަވާލައްވާފައިވަނީ ރޭގެ ދަންވަރު 12:20ގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 ޑިސެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައެވެ.