ޑަބްލިއު.ޓީ.އޯ ގެ ޑިރެކްޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި (20.12.2010)

ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ (ޑަބްލިއު.ޓީ.އޯ) ގެ ޑިރެކްޓަރ މރ.ޝިޝިރ ޕްރިޔަދަރްޝީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 1 ޖެނުއަރީ 2011 ގައި ދިވެހިރާއްޖެ އުނިވެގެންދާނެތީ މިކަމުން ރާއްޖެއަށް ކުރާނެ އަސަރުތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އަދި ނާޒުކު ޤައުމެއް ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް “ގްރެޖުއޭޓް” ވުމަކީ ކާމިޔާބީ އެއް ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އެހެން ނަމަވެސް ގޮންޖެހުންތައް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ރާއްޖެއަށް މާލީގޮތުން މިހާރު ލިބެމުންދާ އިނާޔަތްތައް ވަރަށް ބޮޑަށް އުނިވެގެންދާނެކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ރާއްޖެއަކީ އިޤްތިޞާދީގޮތުން ނާޒުކު ޤައުމެއްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރާއްޖެ ކަޑައްތުކުރަމުން އަންނަ މި އިންތިޤާލީ މަރުހަލާގައި ބައިނަލްއަޤްވާމީ ޖަމާއަތްތަކުންނާއި އެކިއެކި ޤައުމުތަކުން އެހީ ފޯރުކޮށްދެވިދާނެ ގޮތްތަކާއި ބެހޭގޮތުން އެމަނިކުފާނު މރ.ޝިޝިރ ޕްރިޔަދަރްޝީ އާ މަޝްވަރާ ކުރެއްވިއެވެ.
މރ.ޝިޝިރ ޕްރިޔަދަރްޝީ ގެ ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުމަކީ ރާއްޖެއަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެވެގެންދާނީ ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކުވައިދޭނެ ނަމޫނާއެއްކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހިރާއްޖެއަށް ޑަބްލިއު.ޓީ.އޯގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.