ނިއުޒީލެންޑް ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރާއި އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތެއް ކުރައްވައިފި (14.12.2010)

ނިއުޒީލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިސްޓަރ ޕީޓަރ ހެމިލްޓަން އާއި އިނގިރޭސި ވިލާތުން ކަނޑައޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޕީޓަރ ހެޔިސް އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހަށް ހޯމަ ދުވަހު އިޙްތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ވަކިވަކިން ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ނިއުޒީލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިސްޓަރ ޕީޓަރ ހެމިލްޓަން އަށް މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ނިއުޒީލެންޑާ ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވައި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ބެހޭ މައުލޫމާތު ދެއްވިއެވެ.
އިނގިރޭސި ވިލާތުން ކަނޑަޅުއްވާފައިވާ ސަފީރު މިސްޓަރ ޕީޓަރ ހެޔިސް ސަފީރުކަމުގެ ދައުރު ފުރިހަމަކުރައްވައި އެނބުރި ގައުމަށް ވަޑައިގަންނަވާތީ، އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައިވެސް ދެގައުމުގެ ދެމެދުގައިވާ މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.