އޮޑިޓަރ ޖެނެރަލްގެ ނަންފުޅު މަޖިލީހުން ފާހެއްނުވި (08.12.2010)

އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މ. އާދިއްލީގޭ އަލްފާޟިލް ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި، 14 ޖުލައި 2010 ގައި ނިންމައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ރިޕޯޓް، އިޞްލާޙުކުރެއްވުމަށްފަހު ކޮމިޓީން ހުށަހަޅުއްވާ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ ނާއިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ. މި ރިޕޯޓްގައިވާ ނަންފުޅަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތު ނުލިބުމުން އެ ނަންފުޅުވަނީ ފާސްނުވެފައެވެ.
ރިޔާސަތުން މިމައްސަލައަށް ވޯޓަށް އެއްސެވިއިރު ޙާޒިރުވެވަޑައިގެން ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތީ 69 މެންބަރުންނެވެ. ފެނިވަޑައިގަންނަވާކަމަށް 35 ވޯޓު ލިބުނުއިރު 34 ވޯޓް ފެނިވަޑައިނުގަންނަވާކަމަށް ލިބިފައިވެއެވެ. ޤާނޫނުއަސާސީގެ 210 މާއްދާގައިވާގޮތުން އޮޑިޓަރޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ޖުމްލަ އަޣްލަބިއްޔަތު ބޭނުންވެއެވެ. އެއީ 39 ވޯޓެވެ.
މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމަށްފަހު ދެބިލެއްވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން އަނބުރާ ގެންދަވާފައެވެ. އެއީ ދަރަންޏަށް ފައިސާ ދުކުރުމުގެ ބިލާއި، ބައެއް ޤާނޫނުތަކުގެ ބައެއް މާއްދާތައް އިޞްލާޙުކުރުމުގެ ބިލެވެ.
މިއަދު މަޖިލީހަށްވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލެއް ސަރުކާރުން ހުށަހަޅުވައްވާފައެވެ. މިބިލުގެ ބަހުސްވަނީ މިއަދުގެ ޖަލްސާގައި ފައްޓަވާފައެވެ. މި ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ބިލުގެ އިބްތިދާއީ ބަހުސްވަނީ ނިންމަވާލައްވާފައެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 13 ޑިސެމްބަރ 2010ވާ ހޯމަ ދުވަހުގެ ހެނދުނު 9:00ގައެވެ.