ނޫސް ބަޔާން (01.12.2010)

ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން އިންޑިއާ ކަނޑުގެ ތެރެއަށް ފެތުރި ދިވެހިރާއްޖެއާއި ހަމައަށް ފޯރާފައިވާތީ މިކޮމިޓީން އެކަމާ ކަންބޮޑުވާކަން ފާހަގަކުރަމެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއަށް މިފަދަ ކަނޑުފޭރޭ މީހުން ވަދެ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފުރާނަޔާއި، މުދަލަށް ގެއްލުމެއް ލިބުމަކީ މިކޮމިޓީގެ މެންބަރުން އެއްވެސް މާނައެއްގައި އެދޭނޭ އަދި ޤަބޫލުކުރާނޭ ކަންކަމެއްނޫނެވެ.
މިކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަވަނަ ބާބުގެ ދަށުން އުފެދިފައިވާ ސިފައިންނާއި ފުލުހުންގެ ޚިދުމަތުން މިކޮމިޓީއަށް އެއްބާރުލުން ނުދެއްވާ ނުދެއްވުމަކީ ގައުމީ މަސްލަޙަތު ހުރިކަމެއްކަމަށް ވެސް އަޅުގަނޑުމެން ދެކެމެވެ. މިކޮމިޓIން ދެކޭގޮތުގައި މިކަމަކީ ޤާނޫނުއަސާސީގެ މަފްހޫމްތަކާއި ޚިލާފަށް ޒިންމާދާރުކަން ކުޑަ ޣައިރުޒިންމާދާރު އަމަލެކެވެ.
ޤާނޫނުއަސާސީގެ 243 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން ދިވެހި ޖުމްހޫރިއްޔާއާއި، ދިވެހި ރާއްޖޭގެ ސަރަޙައްދާއި، ދިވެހި ރާއްޖޭގެ ޙާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ސިފައިންގެ މައިގަނޑު މަޤްޞަދުކަމުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށް ވީހިނދު، މިފަދަ ހުޡޫރަތްތެރި މައްސަލައެއްގައި ސިފައިންގެ ފަރާތުން މިކޮމިޓީއަށް އެއްބާރުލުން ނުލިބުމަކީ ޤަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
މި ކޮމިޓީން އުންމީދުކުރަނީ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވާ އިޝްތިޝާރީ ލަފާގެ ކަންކަން ވީހާ އަވަހަކަށް ނިމި ސިފައިންނާއި ފުލުހުންގެ އެއްބާރުލުން މިކޮމިޓީއަށް ލިބެން ފެށުމެވެ.
އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ، މާތްﷲ ދިވެހިޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ރައްޔިތުންނާއި އަދި ދިވެހިންގެ މުދާ ލާއިންސާނީ ބަލާޣާތްތަކުންނާއި ޢާފާތްތަކުން ސަލާމާތްކުރައްވާ މިޤައުމު މިނިވަންކަން މަތީ އަބަދަށް މެ ލެއްވެވުމެވެ.

1 ޑިސެމްބަރު 2010

ޢަލީ ވަޙީދު
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު