ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު މަޖިލީހުން ބަލައިގެންފި (30 ނޮވެމްބަރ 2010)

މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން، އެބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވާ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިލު އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށްވަނީ ފޮނުއްވައިފިއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅާއި އެ ސިޓީފުޅާއެކު ފޮނުއްވާފައިވާ ލިސްޓުގައިވާ ނަންފުޅުތައް މަޖިލީހަށް އިއްވައި، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އިޤްތިސާދީ ކޮމިޓީއަށް އެމައްސަލަވެސްވަނީ ފޮނުއްވާފައެވެ.

މިއަދު، ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށްވަނީ ހުށަހަޅުވާ އެބިލުގެ ބަހުސް ފައްޓަވާފައެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.

މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، އެކަންއުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްވަނީ ނިންމަވާލައްވާ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނޭތޯ ވޯޓްނެގުމާއި ހަމައަށް ގޮސްފައެވެ.

މިއަދުގެ ޖަލްސާގައި ދެފަހަރެއްގެ މަތިން ކޯރަމުގެ މައްސަލަޖެހި، މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން ޖަލްސާ މެދުކަނޑާލައްވާ އަލުންވަނީ ފައްޓަވާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 01 ޑިސެމްބަރ 2010 ވާ ބުދަ ދުވަހުގައެވެ.