ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ބާތިލްވެއްޖެ (24.11.2010)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ފޮނުއްވިގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން އެގޮތަށް ފާސްނުވުމުން، މަޖިލީހުގެ ޤަވާއިދުގެ 85 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތީން ބިލު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން އެގޮތަށްވެސް ފާސްނުވުމުން، މަޖިލީހުގެ ގަވާއިދުގެ 85 މާއްދާގެ (ފ)ގެ ދަށުން އެބިލު މިއަދު ބާތިލް ވެއްޖެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ގައި ބަޔާންކުރާ ކައުންސެލް ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގެ މައްސަލަ، މަޤާމަށް ރެކޮމެންޑް ކުރާނެ ފަރާތެއް، މަޤާމުގެ ތަޖުރިބާއަށް ބާލާއިރު ނެތްކަމަށް މިމައްސަލަ ދިރާސާކުރެއްވި މެންބަރުން މަޖިލީހުގެ ރައީސަށް ލަފާދެއްވާފައިވަނީ، އެމަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް އަލުން އިއުލާނުކުރާގޮތަށް ނިންމެވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 7 ނޮވެމްބަރ 2010 ވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް، މަޖިލީހަށް އިއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށްވެސް މިއަދުގެ ޖަލްސާގައި ނިންމެވިއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާނުކުރުމާއި، އެނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅުނު ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަޅުތާލުކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރުމަށްޓަކައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ނިންމެވިއެވެ. މީގެއިތުރުން ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސްް ކުރިއަށް ގެންދަވާފައިވެއެވެެ.