ޕީޕަލްސް އެލަޔަންސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ ޖަވާބުު މިއަދު ދެއްވައިފި (04.11.2010)

ޕީޕަލްސް އެލަޔަންސްގެ ފަރާތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގެ ޖަވާބު އެމަނިކުފާނު މިއަދު ދެއްވައިފިއެވެ.
އެގޮތުން މަޖިލީހުގެ އަމީން ޢާންމު މެދުވެރިކުރައްވައި މަޖިލީހުގެ ރައީސް ދެއްވި ޖަވާބުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެއްވި މަޝްވަރާއާއި ދެއްވި ހިތްވަރަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.
އަދި މަޖިލީހުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމުގައި ދަންނަވައި މިގޮތުން ކުރެވޭ މަޝްވަރާތަކުގައި ޕީޕަލްސް އެލަޔަންސް ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި މަޖިލީހުގެ ނާއިބު ރައީސްވެސް ބައިވެރިވެވަޑައިގެން އެމަނިކުފާނުގެ އެހީތެރިކަންވެސް ލިބެމުންދާކަމުގައި ވިދާޅުވެފައިވެއެވެ.