މިއަދުގެ ޖަލްސާ މެދުކަނޑާލައްވައި 1 ނޮވެމްބަރުގައި ޖަލްސާ ކުރިއަށް ގެންދަވާން ނިންމަވައިފި (25.10.2010)

ނިޒާމާ ބެހޭ މައްސަލަތަކެއްގެ އޮއިވަރުގައި ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވުމުން، ޖަލްސާ މެދުކަނޑާލައްވައި 1 ނޮވެމްބަރު 2010 ވާ ހޯމަ ދުވަހު ދެންއޮންނަ ޖަލްސާއެއް ބޭވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ނިޒާމާ ބެހޭ މައްސަލަތަކެއްގެ އޮއިވަރުގައި ޖެހިގެން މިހާރު 3 ދުވަސްމަތިން ޖަލްސާގެ އެއްވެސް ކަހަލަ މަސައްކަތެއް ނުކުރެވި ހުއްޓާލަން ޖެހިފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން މައްސަލަ އަވަސްކޮށްދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީއަކުން ދަންނަވާފައިވާކަމަށާއި، އެ ސިޓީ ގައި އެދިވަޑައިގެންފައިވާ ގޮތަށް އެ މައްސަލަ ވަރަށް އަވަސްކޮށްދެއްވާނެކަމަށް ސުޕްރީމް ކޯޓުން ޖަވާބު ދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މެންބަރުން މި މައްސަލަ ތަޅުމުގައި އިތުރަށް ހޫނު ކުރެއްވުމުގެ ފުރުޞަތު ނުދެއްވާ މަޖިލީހުގެ ރައީސް ނިންމެވީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކޮށްގެން ހައްލެއް ގެނައުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވުމަށެވެ.