ނޫސް ބަޔާން (20.10.2010)

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީސް ހިންގުމަށް ބޭނުންވާ އެންމެހައި ޤަވާޢިދުތަކާއި، އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެއްކަމަށް ވާންޖެހޭ ހިނދު، އަދި ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރާ މެންބަރުންނަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާއިބެހޭ ގޮތުން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބުނެފައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އަދި (ރ) އާއި 130 ވަނަ މާއްދާގެ ބާރު ކެނޑޭތީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީއާއި ޚިލާފް ކަމެއް ކަމަށް، ކަނޑައަޅުއްވައި ދެއްވުން އެދި އެޓާރނީޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ބައެއް މީޑިޔާ ރިޕޯޓުތަކުގައި ރައްޔިތުންގެ މަޖިލީހުން މިމައްސަލާގައި ޖަވާބުދާރީ ވުމަށް ސްޕްރީމް ކޯޓުން އެދިވަޑައިގަތުމުންވެސް ޖަވާބުދާރީވެފައި ނުވާކަމަށް ޚަބަރު ޝާއިޢުކުރައްވަމުން ގެންދަވާތީ ދަންނަވަމެވެ.

29 އޯގަސްޓް 2010 ގައި ސްޕްރީމް ކޯޓުން ފޮނުއްވާފައިވާ ސިޓީއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާކަމަށާއި އެމައްސަލައިގެ ދަޢުވާފޯމުގެ ކޮޕީއަކާއި، ޖަވާބު ހުށަހަޅާ ފޯމުގެ ކޮޕީއެއް ފޮނުއްވިކަން އަންގަވާފައިވެއެވެ. އަދި އޭގެ 5 ދުވަސްފަހުން ފޮނުއްވި ސިޓީއަކުން އެލިޔުންތައް އިސްލާޙް ކުރުމަށްޓަކައި އަނބުރާ ފޮނުވައިދިނުން އެދިވަޑައިގެން ހުށަހަޅުއްވާފައިވެއެވެ.

އަދި 2 ސެޕްޓެމްބަރ 2010 ގައި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޭން ބޭނުންވާ ޖަވާބެއް ވާނަމަ ޖަވާބު ފޯމު ފުރިހަމަކޮށް ފޮނުވައި ދިނުމަށް އެދިވަޑައިގެން ލިޔުއްވާފައިވެއެވެ.

މިމައްސަލައާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައި މިކަމުގައި ޢަމަލު ކުރާނެ ގޮތެއްގެ ލަފާފުޅެއް ހޯއްދަވާފައި ވެއެވެ. އެގޮތުން ޕާޓީތަކުގެ ލީޑަރުން ލަފާ ދެއްވާފައިވަނީ ދައުލަތުގެ އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައިގާ ދައުވާ ލިބޭ ފަރާތަކީ ކޮބައިކަން ބަޔާންކޮށްފައި ނުވުމާއެކު ހުށަހެޅިފައިވާ މި ދަޢުވާއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖަވާބުދާރީ ވާންޖެހޭ ޙައިޘިއްޔަތަކީ ކޮބައިކަން ސާފު ކޮށްދެއްވާތޯ ސްޕްރީމް ކޯޓުގައި ދެންނެވުމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޕާޓީތަކުގެ ލީޑަރުން ދެއްވި ލަފާފުޅާ އެއްގޮތަށް 13 އޮކްޓޯބަރ 2010 ގައި ސްޕްރީމް ކޯޓުގައި އެވާހަކަ ވަނީ ދެންނެވިފައެވެ. ނަމަވެސް އަދި މިއަދާ ހަމައަށް ސްޕްރީމް ކޯޓުން އެ ޙައިޟިއްޔަތު ސާފު ކޮށްދެއްވާފައެއް ނުވެއެވެ.

ވީމާ މިކަން ހިނގާފައިވާ ގޮތް ސާފުކޮށް އެރުވުމުގެ ގޮތުން މިނޫސްބަޔާން ނެރުނީމެވެ.