ޔޫއެންޑީޕީން ހިންގާ “އެކްސެސް ޓު ޖަސްޓިސް” ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެއްވާން ނިންމަވައިފި (19.10.2010)

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ފަރާތުން ކުރިއަށް ގެންދަވާ “އެކްސެސް ޓު ޖަސްޓިސް” ޕްރޮގްރާމަށް އެއްބާރުލުން ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ނިންމަވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގޭގައި އޮތް ބައްދަލުކުރެއްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޕްރޮޖެކްޓް މެނޭޖަރ އައިމިނަތު ނާޒްނީން ވިދާޅުވީ މިއަހަރު ޖޫން އަދި ޖުލައި މަހު ކުރިއަށް ގެންދަން ފެށި މި ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ޙަރަކާތްތަކެއް މިހާރު ހިންގިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިތުރުން މުސްތަޤިއްލު މުޢައްސަސާތަކުގެ ދައުރު ރައްޔިތުނަށް އޮޅުންފިލުވައި ދިނުމަށްޓަކައި “ދޮރުން ދޮރަށް” ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭނުގެ މައުލޫމާތު ޙިއްސާ ކުރެއްވި އެވެ. މިގޮތުން މި ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް 26 ނޮވެމްބަރ ގައި ޚާއްސަ ޙަރަކާތެއް ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ހިންގުމަށް ރޭވިފައިވާކަމަށްވެސް ނާޒް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީސް އިދާރާގެ ޕާލިމެންޓްރީ އެޑިއުކޭޝަން ސެކްޝަނުން މި ޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ހަމައެކަނި ޤާނޫނުތައް ހެދުން ނޫންކަން ފަހާގަކުރައްވައި، އާ ޤާނޫނުއަސާސީގެ ދަށުން މިއަށްވުރެ ފުޅާ މަސްއޫލިއްޔަތުތަކެއް ރައްޔިތުންގެ މަޖިލީހުން ކުރައްވަމުންގެންދަވާކަން ބަޔާންކުރައްވައި، އެމަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.