ރައްޔިތުންގެ މަޖިލީހުގެ ރައީސް ސީޕީއޭ ޔޫކޭ ގޮފީގެ ވަފްދާ ބައްދަލުކުރައްވައިފި (17.10.2010)

އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތް ޕާލިމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ޔޫކޭ ގޮފީގެ ވަފްދާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކޮށްލެވުމުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޖިލީހުގެ ރައީސް އެބޭފުޅުންނަށް މަޢުލޫމާތު ދެއްވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުންވެސް މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އަދި މަޖިލީހުގެ ޖަލްސާތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާ ކުރެއްވި އެވެ.
އިނގިރޭސިވިލާތުގެ ޕާލިމެންޓްގެ މެންބަރެއްވެސް ހިމެނިވަޑައިގަންނަވާ 8 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ވަފްދުގެ ބޭފުޅުންވަނީ މަޖިލީހަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް މަޖިލީހުގެ ރައީސްގެ އަރިހުން އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގެ އިތުރުން ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕްގެ ޗެއަރޕާސަން ޑޭވިޑް އެމެސް އާ ވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވި އެވެ. ވަކިވަކިން ބޭއްވި މި ދެބައްދަލުކުރެއްވުން އޮތީވެސް ރައްޔިތުންގެ މަޖިލީސްކުރާގޭގަ އެވެ.