3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ ބާއްވައިފި (11.10.2010)

މިއަދުގެ ޖަލްސާ ފައްޓަވައި އެޖެންޑާގައި ހުރިކަންތައްތަކަށް ދިޔުމުމުގެ ކުރިން ރިޔާސަތުން ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައާއި، ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައަށް ގޮތެއް ނިންމަވާދެއްވުމަށް އެދި އެކޮމިޓީން މަޖިލީހަށް ހުށަހަޅާ ރިޕޯޓް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަަށް އެޖެންޑާކުރަން ގަސްދުކުރަށްވާ މައްސަލަ ހިމެނެ އެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް، ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް 13 އޮކްޓޯބަރ 2010 ވާ ބުދަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރަން ގަސްދުކުރައްވާކަމަށްވެސް ރިޔާސަތުންވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާއަށް ކުރިން އެޖެންޑާ ކުރަން ހަމަޖެހިފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ޕްރޮސީޖަރަލް ކަންތައްތަކަކާމެދު ސުވާލު އުފެދިދާނެކަމަށް ފެންނާތީ އެކަންތައްތައް ބެއްލެވުމަށް އަނބުރާ ކޮމިޓީއަށް އެރިޕޯޓް ފޮނުއްވާފައިވާކަމަށްވެސް ރިޔާސަތުންވަނީ ވިދާޅުވެފައެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ އިތުރުން، ކުރިން މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ވަނަ އިޞްލާޙުގެނައުމުގެ ބިލު އިބްތިދާއީ ބަހުސްވެސް ވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާވާފައެވެ.
މިއަދުގެ ޖަލްސާގައި ދޫންޏާއި ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުން އެބިލުވަނީ މަޖިލީހުން ބަލައިގަތުމަށް ފާސްނުވެ، މަޖިލީހުގެ ގަވައިދުގެ 77 ވަނަ މާއްދާގެ (ނ)ގެ ދަށުން އެބިލު ބާޠިލުވެފައެވެ.
މަޖިލީހުގެ ޖަލްސާ ދެންއޮންނާނީ 12 އޮކްޓޯބަރ 2010 ވާ އަންގާރަދުވަހުގެ ހެނދުނު 9:00 ގައެވެ.