އިންޓަރ-ޕާލަމަންޓަރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި (04.10.2010)

ދުނިޔޭގެ ޤަނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާކަމުގައިވާ އިންޓަރ-ޕާލަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 123 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް މރ. އެންޑާސް ބީ ޖޯންސްސަން އާއި ރޭ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ މަޖިލީހުގެ ރައީސް ހުންނަވާ ހޮޓަލުގައެވެ. މި ބައްދަލުވުމުގައި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް އައި.ޕީ.ޔޫގެ މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޖެނީވާއަށް ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތާއި ބެހޭގޮތުން މައުލޫމާތު ޙިއްސާކުރައްވައި އައި.ޕީ.ޔޫ އިން ވެދެއްވެން އޮތް އެހީތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން ޑިމޮކުރަސީ ހަރުދަނާ ކުރެއްވުމަށް މަޖިލީހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލަށް އޮޅުންފިލުވައި ދެއްވައި މިކަމުގައި އައި.ޕީ.ޔޫއިން ވެދެއްވެންއޮތް އެހީތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ޝަރަފުގައި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ދެއްވަވާ ރޭގަނޑުގެ ފަރިއްކޮޅެއް މިރޭ އޮންނާނެއެވެ.