އިންޓަރ-ޕާލަމަންޓަރީ ޔޫނިއަންގެ 123 ވަނަ އަހަރީ ޢާންމު ބައްދަލުވުން ފެށިއްޖެ (04.10.2010)

ދުނިޔޭގެ ޤަނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާކަމުގައިވާ އިންޓަރ-ޕާލަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 123 ވަނަ އަހަރީ ޢާންމު ބައްދަލުވުން މިއަދު ހެނދުނު 11:30 ގައި ސްވިޒަލޭންޑްގެ ޖެނީވާގައި ފެށިއްޖެއެވެ.
މިއަދު ފެށުނު މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދާއި އެމަނިކުފާނާއިއެކު މިހާރު ޖެނީވާއަށް ވަޑައިގެން އުޅުއްވާ ވަފްދުގައި ހިމެނިވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލާ އީވާ އަބްދުﷲ އާއި، މަޑުއްވަރި ދާއިރާގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީއާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު އަސްލަމާއި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ހެޑް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ އަބްދުއް ސައްތާރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ކުރިއަށްދަނީ މި އޮކްޓޯބަރ މަހުގެ 4 ން 6 ށް ޖެނީވާގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
3 ދުވަހުގެ މުއްދަތަށް ބޭއްވޭ މިބައްދަލުވުމުގައި އިންތިޙާބުތަކުގައި އުފެދޭ ހަމަނުޖެހުންތައް ނައްތާލެވޭނެ ގޮތްތަކާއި، އިންތިޤާލީ މަރުހަލާ އަމާންކަމާއިއެކު ކުރިޔަށް ގެންދާނެ ގޮތްތަކާއި، ސިޔާސީ ޕާޓީތައް ދެފުށްފެންނަ ޒިންމާދާރު ގޮތުގައި ފައިސާ ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.