ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާކަމުގައިވާ އިންޓަރ-ޕާލަމަންޓަރީ ޔޫނިއަންގެ 123 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ފުރާވަޑައިގެންފި (03.10.2010)

ސްވިޒަލޭންޑްގެ ޖެނީވާގައި އޮކްޓޯބަރ މަހުގެ 4 ން 6 ށް ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޤަނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާކަމުގައިވާ އިންޓަރ-ޕާލަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 123 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް މާލެއިން ފުރާވަޑައިގެންފިއެވެ.
އިންޓަރ-ޕާލަމަންޓްރީ ޔޫނިއަންގެ 120 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި އިސްބޭފުޅެއްގެގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އެމަނިކުފާނުގެ އިތުރުން ދެން ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ގަލޮޅު އުތުރު ދާއިރާގެ އަލްފާޟިލާ މެންބަރު އީވާ އަބްދުﷲ އާއި، މަޑުއްވަރި ދާއިރާގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީއާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު އަސްލަމާއި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ހެޑް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ އަބްދުއް ސައްތާރެވެ.
3 ދުވަހުގެ މުއްދަތަށް ބޭއްވޭ މިބައްދަލުވުމުގައި އިންތިޙާބުތަކުގައި އުފެދޭ ހަމަނުޖެހުންތައް ނައްތާލެވޭނެ ގޮތްތަކާއި، އިންތިޤާލީ މަރުހަލާ އަމާންކަމާއިއެކު ކުރިޔަށް ގެންދާނެ ގޮތްތަކާއި، ސިޔާސީ ޕާޓީތައް ދެފުށްފެންނަ ޒިންމާދާރު ގޮތުގައި ފައިސާ ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު ޒަމާނާގުޅޭގޮތަށް ތަރައްޤީކޮށް ހަރުދަނާކުރުމަށާއި މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތާއި ތަޖުރިބާ ހިއްޞާކުރެއްވޭނެ ފުރުޞަތު ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައި އިންޓަރ-ޕާލަމަންޓްރީ ޔޫނިއަންގައި ދާއިމީ މެންބަރެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ބައިވެރިވެފައިވަނީީ 2005 ވަނަ އަހަރުއެވެ.