ޢިމާދުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި (29.9.2010)

ޢިމާދުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ދެބުރަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާބެހޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. މިޒިޔާރަތަކީ، މަޖިލީހުގެ އިދާރާގެ ފަރާތުން ރައްޔިތުން މަޖިލީހާމެދު ޢާންމު ރައްޔިތުންނާއި، ޒުވާން ޖީލްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕާލިމެންޓްރީ އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. އަދި މިކަން އިންތިޒާމުކުރެވުނީ ގްރޭޑް 7 ގެ ސޯޝަލް ސްޓަރޑީސް މާއްދާގައި ހިމެނިގެންވާ ޔުނިޓް 11 ގައިވާ ރައްޔިތުންގެ މަޖިލީހާއިބެހޭ ފިލާވަޅަށް އިތުރު މަޢުލޫމާތު އޮޅުންފިލުވައިދިނުމުގެ ގޮތުން މިސްކޫލުން އެދިވަޑައިގަތުމުގެ މަތިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު އާއި ޕާލިމެންޓްރީ އެޑިޔުކޭޝަންޓީމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ކުރާމަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތު، އަދި ރައްޔިތުންނާއި މަޖިލީހާއިހުރި ގުޅުމުގެ މައްޗަށް މިޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތުދެވިފައިވެއެވެ.