އިންޑިއާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 މާރިޗު 2019

A216EADD-9BDE-48AE-8357-6BC99F1FB272

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޑީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.