ރާއްޖެ ވަޑައިގެން އުޅުއްވާ އޯއެޗްސީއެޗްއާރގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

7 މާރިޗު 2019

DSC_0088

ރާއްޖޭގެ ޙާލަތު ބައްލަވާ، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށްޓަކައި އދގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ)ގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އޯއެޗްސީއެޗްއާރގެ ވަފުދަށް މަރުޚަބާ ވިދާޅުވެ ދިވެހިރާއްޖެއިން އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި، ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އޯއެޗްސީއެޗްއާރގެ ރޫލް އޮފް ލޯ، އީކުއަލިޓީ، އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ އިސްވެރިޔާ، މޯނާ ރިޝްވާމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިން ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.