މިއަދު ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި ތިން ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންގެ ނަންފުޅުތައް ފާސްކުރައްވައިފި

26 ފެބުރުވަރީ 2019

_DSC4472

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 8/2008   (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. އެގޮތުން އެ މަސައްލަ ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

އެއަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށެހެޅުއްވިއެވެ. ރިޕޯޓް ހުށަހެޅުއްވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު، ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދު ދީދީއެވެ.

މިއަދުގެ ޖަލްސާގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއާއި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާ އަދި ކިންގްޑަމް އޮފް ތައިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ނަންފުޅުތައްވަނީ ފާސްކުރައްވާފައެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އަލްފާޟިލާ ޢާއިޝަތު ޢަޒީމާ، މ.ބީނާފުށި އާއި، އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޚަލީލް، ގ. އުތުރުގެއާގެ އަދި ކިންގްޑަމް އޮފް ތައިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޖިނާޙް، މއ. ތިބްރޯޒްގެ ނަންފުޅުވަނީ ފާސްކުރައްވާފައެވެ. މި ތިންބޭފުޅުންގެ ނަންފުޅު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލާއި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އެޖެންޑާ ކުރެއްވިއެވެ. ނަމަވެސް މި ދެބިލަށް ވޯޓަށް އެއްސެވުމަށް ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން އެވަގުތު ޖަލްސާގައި ހާޒިރުވެވަޑައިގެން ނެތުމުން ވޯޓަށް އައްސަވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ބައެއް ކޮމެޓީތަކަށް އައިބަދަލުތައް ޢިއުލާންކުރެއްވުމަށް ފަހުގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގައެވެ.