ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ 56 ވަނަ އަހަރީ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން ( ސީޕީއޭ ) ގެ 56 ވަނަ އަހަރީ ކޮންފަރެންސް މިއަދު     14 ސެޕްޓެމްބަރ 2010 ވި އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ކެންޔާގެ ވެރިރަށް ނައިރޯބީގައި ފެށިއްޖެއެވެ. މިއަދު ފެށުނު މިކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ކެންޔާގެ ރައީސް ހިޒްއެކްސެލެންސީ މިސްޓަރ މްވައި ކިބާކީ އެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ އަރިހުގައި ކެންޔާ އަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ސީޕީއޭ ގެ 56 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި ކެންޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒްއެކްސެލެންސީ އޮނަރަބްލް ކެނެތް މަރެންޑޭ އާއިވެސް މިއަދު ބައްދަލު ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެރުވިއެވެ. ކެންޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ރައްްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު ބައިވެރިވެ ވަޑައިގެންނެވިކަމީ ވަރަށް އުފާފުޅު ކުރެއްވިކަމެއްކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ކޮމަންވެލްތްގެ ބައެއް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެބޭބޭފުޅުންނަށް ރާއްޖެއާބެހޭ މަޢުލޫމާތު އެރުވިއެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ވިލިއަމް ޝީޖާ އާއިވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައިވެސް ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައިވެސް މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި މައިނޯރިޓީ ލީޑަރ ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ މަނިކު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ މެންދުރުފަހު ސީޕީއޭ އޭޝިއާ ރީޖަންގެ ބައްދަލުވުންވެސް ކުރިއަށް ދިޔައެވެ. މިބައްދަލުވުމުގައި ސީޕީއޭ އޭޝިއާ ރީޖަންގެ 4 ޤައުމު ކަމުގައިވާ ސްރީލަންކާ އާއި ޕާކިސްތާނާއި ބަންގްލާދޭޝް އާއި ދިވެހިރާއްޖެއިން ބައިވެރިވިއެވެ. މިބައްދަލުވުމުގައި ސީޕީއޭ އޭޝިއާ ރީޖަންގެ ޤާނޫނުހަދާ މަޖިލިސް ތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް މަޢުލޫމާތު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ކުރިމަގުގައި ކުރެވެންހުރި ކަންކަމާބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.