ކޮމަންވެލްތްގެ ލޯކަލް ގަވަރމަންޓް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި (2.9.2010)

ކޮމަންވެލްތްގެ ލޯކަލް ގަވަރމަންޓް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް މރ. ކާލް ރައިޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުމާ ބެހޭގޮތުންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭގޮތުން މަޝްވަރާކުރެއްވުމާއި، މިކަމުގައި ކޮމަންވެލްތްއިން އެހީތެރިވެވަޑައިގެން ދެއްވިދާނެ ގޮތްތަކަކީ ކޮބައިކަން އޮޅުންފިލުއްވުމެވެ.
މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވަމުން ކޮމަންވެލްތަކީ ދިވެހި ރާއްޖެއަށް އެހީތެރިކަންދޭ ޖަމާޢަތެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގައިވެސް ކޮމަންވެލްތް ލޯކަލް ގަވަރންމަންޓް ފޯރަމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ދިމާވެފައިވާ ބައެއް ދަތިތަކާއި ލޯކަލް ގަވަނަންސް ހަރުދަނާ ކުރުމަށް ކުރަންޖެހިފައިވާ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ. މިކަންކަން އަވަސް ކުރެއްވުމުގައި ޚިޔާލުތަފާތުުވުންތައް އެއްގޮތްކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލު ހޯއްދެވުމަށް މަޖިލީހުގެ ރައީސް ކުރައްވަވާ މަސައްކަތް ޕުޅަށް ސެކްރެޓަރީ ޖެނެރަލް މރ. ކާލް ރައިޓް ތަރުޚީބުދެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް މަޖިލީހުން ކުޅެމުންދާ ދައުރަށް ތަޢުރީފު ކުރައްވައި، މރ. ކާލް ރައިޓް ވިދާޅުވީ ޑިމޮކްރަސީ ނިޒާމުގެ އަސާސްތަކާއި ހެޔޮގޮތުގައި ހިންގޭ ލޯކަލް ގަވަރމަންޓް މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމާއި މިކަމަށް ވެދެއްވެން އޮތް އެހީތެރިކަމެއް ކޮމަންވެލްތުން ވެދެއްވަން ތައްޔާރަށް އޮތް ކަމުގައި ގައެވެ.