ނޫސް ބަޔާން 31.8.2010

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 2010 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިއަދު 31 އޯގަސްޓް 2010 ގައި ވަނީ ނިމިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައި ވަނީ ތިރީގައި މިވާގޮތަށެވެ.
16 ވަނަ މާއްދާގެ (ހ) ޤާނޫނު އަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ 3 ދައުރެއްގެ މައްޗަށެވެ.
16 ވަނަ މާއްދާގެ (ށ) މި ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ނުވަތަ އެހެންގޮތަކަށް މަޖިލީހުން ކަނޑަނާޅާހާހިނދަކު، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަކަށެވެ.
16 ވަނަ މާއްދާގެ (ނ) މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ އެހެންގޮތަކަށް މަޖިލީހުން ކަނޑަނާޅާހާހިނދަކު، މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގެ މިދެންނެވި އަކުރުތަކުގައިވާ ގޮތުން އިއްޔެ 30 އޯގަސްޓް 2010 ވި ހޯމަ ދުވަހުގެ ރޭ ބޭއްވި އެމަޖިލީހުގެ މިދައުރުގެ 36 ވަނަ ޖަލްސާއަކީ މިދައުރުގެ އެންމެ ފަހު ޖަލްސާއެވެ. އަދި މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ފެށޭނީ އޮކްޓޯބަރ މަހުއެވެ.