ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފި (26.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ވަނީ 1 ގަޑިއިރު ބަހުސްކުރައްވާފައެވެ. މިގޮތުން ބިލުގެ ބަހުސްގެވަގުތުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައިވާ އިޞްލާޙްތަކާމެދު އަލުން ވިސްނުމަށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކުރެއްވިއެވެ. މީގެއިތުރުން ބިލުގެ ބަހުސްގެ ވަގުތުގައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހަޅުއްވާ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ތައީދުކުރެއްވީ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށެވެ. ނަމަވެސް ދިވެހިރާއްގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ކަމުގައިވާ 39 ވޯޓުން ފާސްވެފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހަޅުއްވާ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ތައީދުކުރެއްވި ހުށަހެޅުމެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި، މުޅިމަޖިލީހުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނުނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުވަނީ މުޅިމަޖިލީހުގެ ކޮމިޓީން ހުށަހެޅުއްވި ގޮތަށް ފާސްކުރައްވާފައެވެ.
74 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 29 އޯގަސްޓް 2010 ވާ އާދިއްތަދުވަހު ހެނދުނު 10:30 ގައެވެ.