ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްްޤުތަކުގެ ބިލު މަޖިލީހުން ފާހެއްނުވި (25 އޯގަސްޓް 2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއަށް، ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް މަޖިލީހަށް އެބިލުގެ ރިޕޯޓްވަނީ ހުށަހަޅުއްވައިފައެވެ. އަދި މިބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ ހަތް އިސްލާޙުގެ ތެރެއިން ފަސް އިސްލާހެއް ފާސްކޮށް މަޖިލީހުން ގެންނެވި އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން އެބިލު މަޖިލީހުން ފާސްނުވުމުން، މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތިން ބިލު އިތުރަށް ފުރިހަމަކުރުމަށް، އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އަހާ އެގޮތަށްވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ ދަށުން އުފައްދަންޖެހޭ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާ އެ ރިޕޯޓްގައިވާ ނަންފުޅުތަކަށް ވޯޓަށް އައްސަވާ އެޤާނޫނުގައިވާ ގޮތުގެމަތިން 5 ނަންފުޅެއް ވަނީ ފާސްކުރައްވާފައެވެ. އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުން ގޮތުގައި މަޖިލީހުން ފާސްކުރައްވާފައިވާ ނަންފުޅުތަކަކީ، އަލްފާޟިލް އިބްރާހީމް ޢަފީފް، ގުލްބަހާރުގެ / ބ.ތުޅާދޫ، އަލްފާޟިލް އަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ / ނ.މާފަރު، އަލްފާޟިލް ނަޞްރުﷲ ޖަމީލް، ނަލަމަލަ / ލ.މާވަށް، އަލްފާޟިލް އަޙްމަދު ސާވީ، ދަފްތަރު ނަންބަރު:5295 އަދި އަލްފާޟިލް ޙަސަން ޒުހައިރު މުޙަންމަދު، ގ.މާވާރުލުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމުމުން ދެން މަޖިލިސް ބަދަލުވެގެން ދިއައީ މުޅިމަޖިލީހުގެ ކޮމިޓީއަކަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން މުޅިމަޖިލިސް ކޮމިޓީއަކަށް ބަދަލުވެގެން ކުރިއަށް ގެންދެވީ، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ މަސްކަތްތަކެވެ. އެގޮތުން އެބިލަށް ހުށަހަޅުއްވާފައިވާ އިސްލާޙްތަކަށް ވޯޓަށްއެހުމަށްފަހު ބިލުފާސްކުރުމަށް ވޯޓަށްއަހާ އެބިލުވަނީ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކުރައްވާފައެވެ.

71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ އަދި މުޅިމަޖިލީހުގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 26 އޯގަސްޓް 2010 ވާ ބުރާސްފަތިދުވަހު ހެނދުނު 10:30 ގައެވެ.