ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް މުޙަންމަދު ފަޙުމީ ޙަސަން އަދި ނައިބު ރައީސްކަމަށް އަލްފާޟިލް އަޙްމަދު ޙަސަން ދީދީގެ ނަންފުޅު ފާސްކުރައްވައިފި(24.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް މުޙަންމަދު ފަޙުމީ ޙަސަން އަދި ނައިބު ރައީސްކަމަށް އަލްފާޟިލް އަޙްމަދު ޙަސަން ދީދީގެ ނަންފުޅު އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބުރައީސް ކަމަށް ޢައްޔަންކުރުމަށް މިއަދުގެ ޖަލްސާއަށް ނަންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެއްވުމުން 2 ހުށަހެޅުމެއް ހުށަހެޅި ތާޢީދު ލިބިފައިވެއެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހަޅުއްވައި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ތާއީދުކުރެއްވި ހުށަހެޅުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް މުޙަންމަދު ފަޙުމީ ޙަސަން އަދި ނައިބު ރައީސްކަމަށް އަލްފާޟިލް އަޙްމަދު ޙަސަން ދީދީގެ ނަންފުޅު ފާސްވުމުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ތާއީދުކުރެއްވި ހުށަހެޅުންކަމުގައިވާ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް ޑޮކްޓަރ މުޙަންމަދު ލަޠީފް އަދި ނައިބު ރައީސްކަމަށް އަލްފާޟިލް މުޙަންމަދު ފަޙުމީ ޙަސަންގެ ނަންފުޅަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށްފަހު 9 މެންބަރުންގެ ވަގުތީ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި މިރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު، ޤަރާރު ފާސްކުރުމަށާއި، ޤަރަރާއެކު ކޮމިޓީން ނިންމަވާފައިވާ، ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާާއްދާތައް އުވާލުމުގެ ބިލު ފާސްކުރުމަށް މަތިވެރިދާއިރާގެ މެންބަރު ޙުސެއިން މުޙަންމަދު ހުށަހަޅުއްވާ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ތާއިދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އައްސަވައި އެގޮތަށްވަނީ އެހުށަހެޅުން ފާސްކުރައްވާފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 7/2007 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކާއި، އެމާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އެބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް އިޢުލާނުކޮށް ގަވާއިދުގައިވާ ގޮތުގެމަތިން، މި މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ޤާނޫނު ނަންބަރު 7/2007 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ދެފަރާތަކުންނެވެ. އެއީ އޮގަނައިޒޭޝަން ފޯރ ސްޓޫޑަންޓް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް (މޯލްޑިވްސް) ގެ ފަރާތުން އަލްފާޟިލް ޙުސެއިން ސަޢީދު މުޙައްމަދު / ދިއްގާގަސްދޮށުގެ ސ. ފޭދޫ އަދި މޯލްޑިވްސް ސިވިލް ސަރވަންޓް އެސޯސިއޭޝަންގެ ފަރާތުން އަލްފާޟިލް ޠާރިގް ޢަލީ ލުޠްފީ / އެވަގްރީން ސ. ހިތަދޫ 2 އޭ އެއްގަމުގެ އާގެއެވެ.
ޤާނޫނު ނަންބަރު 7/2007 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކުހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކަކީ އަލްފާޟިލް މުޙައްމަދު ޒާހިދު / މާލޭ މުނިސިޕަލްޓީ ދަފްތަރު ނަންބަރު 1548 ، އަލްފާޟިލް މުޙައްމަދު ޚާލިދު / މ. ފިނިފަރު، އަލްފާޟިލް އަޙުމަދު ފުއާދު / ފީރޯޒުގެ ހއ. ފިއްލަދޫ އަދި އަލްފާޟިލް އަޙްމަދު ޝުކުރީ ޙުސައިން / ފްލެޓް ނަންބަރު 40- ޖީ – 01 އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމުމުން ދެން މަޖިލިސް ބަދަލުވެގެން ދިއައީ މުޅިމަޖިލީހުގެ ކޮމިޓީއަކަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން މުޅިމަޖިލިސް ކޮމިޓީއަކަށް ބަދަލުވެގެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅި ތާއީދުލިބިފައިވާ އިސްލާޙުތަކަށް ވޯޓަށް އެއްސެވުމެވެ. މިބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 14 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 4 އިސްލާޙް ފާސްކޮށް ބިލު ވަނީ މުޅިމަޖިލިސް ކޮމިޓީން ފާސްކުރައްވާ މަޖިލީހަށް ރިޕޯޓް ހުށަހެޅުއްވުމާއި ހަމަޔަށް ގޮސްފައެވެ.
އެއަށްފަހު، މުޅިމަޖިލިސް ކޮމިޓީން ކުރިއަށް ގެންދަވާފައިވަނީ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ރިޕޯޓް މުޅިމަޖިލިސް ކޮމިޓީއަށް ހުށަހެޅުމަށްފަހު މިރިޕޯޓަށް އިޞްލާޙުހުށަހެޅުވުމެވެ. ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ކުޑަ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މުޅިމަޖިލިސް ކޮމިޓީއަށް ހުށަހަޅުއްވައިދެއްވީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ.
73 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 25 އޯގަސްޓް 2010 ވާ ބުދަދުވަހު ހެނދުނު 10:30 ގައެވެ.