ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ތަޞްދީޤު ކުރެއްވުމަށް ފޮނުއްވައިފި (22 އޯގަސްޓް 2010)

19 އޯގަސްޓް 2010 ވި ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތަޞްދީޤްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.