ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލު މަޖިލީހުން ފާސްކުރައްވައިފިި(19.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 13 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 5 އިސްލާޙް ފާސްކޮށް މަޖިލީހުން އެ ބިލު ފާސްކުރައްވައިފިއެވެ. މި ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 17 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 10 އިސްލާޙް ފާސްކޮށް މަޖިލީހުން ބިލު ވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި 7 ޖުލައި 2010 ވި ބުދަދުވަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަންކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކޮށްފައިވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މަޤާމަށް ޢައްޔަންކޮށްފައިވާ ހ. ސީސައިޑް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު އެ މަޤާމުން ވަކިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޓަރނީ ޖެނެރަލްގެ މަޤާމަށް 12 އޯގަސްޓް 2010 ގައި ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ނަންފުޅު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެނަންފުޅު މަޖިލީހުގައި އިޢުލާންކުރައްވައި، އެނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވައިދުގައި ވާގޮތުގެ މަތިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ.
71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 23 އޯގަސްޓް 2010 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.