ޗައިނާގެ އާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Chineseޗައިނާގެ އާ ސަފީރު ހިޒްއެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް  ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އެކުވެރި ބަދަހި ގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އަގުހުރި އެހީތަކަށްޓަކައި ޗައިނާ ސަރުކާރަށާއި ޗައިނާގެ ރައްޔިތުންނަށް ޝުކުރުއަދާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ޗައިނާގެ ފުރިހަމައެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މިގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީރުގެ ޙައިސިއްޔަތުން އަދާކުރައްވަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރައްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދާއި އަމީން ޢާންމުގެ ނައިބު ފާތިމަތު ނިއުޝާ އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ޗައިނާގެ ސަފީރުގެ އަރިހުގައި ޗައިނާގެ އެމްބަސީގެ ޕޮލިޓިކަލް ސެކްޝަންގެ ވެރިޔާ މިސްޓަރ ޖާއޯ ޝަންގްބޯ ބައިވެރިވެވަޑައިގެންނެވިއެވެ.

8 މުޙައްރަމް 1439

28 ސެޕްޓެމްބަރ 2017