މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާ މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ. މިއަދު ހެނދުނު 9:00 ގައި ބޭއްވި މިޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ. ކޮތަންމާގެ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފްގެ ނަންފުޅު ވޯޓުގައި ބައިވެރިވެވަޑައިގެންވި 28 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މިމައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާއެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު، އެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވިއެވެ. މި ރިޕޯޓް މަޖިލީހުން ފާސްކުރެއްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 27 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީއިން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާއެވެ. މިއަދު ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ 24 އޯގަސްޓް 2017 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ޢިއުލާން ކުރައްވާފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.

10 ޒުލްޙިއްޖާ 1438
23 އޯގަސްޓް 2017