މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ. މިއަދު ހެނދުނު 9:00 ގައި ބޭއްވި މިޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981 (ޤާނޫނު ނަންބަރު 81/6) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށްވެސް ފޮނުއްވިއެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” “އަޔޯރާ” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
މިއަދުގެ ޖަލްސާގައި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ މަނިކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރަކަށް ވެވަޑައިގަތުމާ ގުޅިގެން އެކަން ޢިއުލާނު ކުރެއްވިއެވެ. އަދި ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޢަރީފް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ މެންބަރުކަމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެކަންވެސް ރިޔާސަތުން ޢިއުލާން ކުރެއްވިއެވެ.
މިއަދު ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ މާދަމާ 23 އޯގަސްޓް 2017 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ޢިއުލާން ކުރައްވާފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.

9 ޒުލްޙިއްޖާ 1438
22 އޯގަސްޓް 2017