ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ. ކުނިޔޯ ޓަކަހާޝީ (Mr. Kunio Takahashi) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކުރެއްވި މިއިހްތިރާމުގެ ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލިސް ހިނގާގޮތާއި އަދި ރާއްޖެއަށް ޒަމާނީ ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާގޮތާމެދު ބައެއް މަޢުލޫމާތު ދެއްވިއެވެ. އަދި ޖަޕާނަކީ ވަރަށް ކުރީއްސުރެ ރާއްޖެއާއި ވަރަށް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް ބާއްވަވާ ޤައުމެއްކަމަށާއި، އަދި ހަމައެހެންމެ ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް ގިނަގުނަ އެހީތަކެއް ވެދެއްވާ ޤައުމެއްކަމަށް ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ޕާލަމެންޓްގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށާއި، ދެޤައުމުގެ މަޖިލީހުގެ ފެންވަރުގައިވެސް ކުރިއަށްއޮތްތަނުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އެކުވެރި ރަޙުމަތްތެރި ގުޅުންތައް އާލާކުރެއްވުމަށް އެމަނިކުފާނަށް ކޮށްދެއްވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މިސްޓަރ. ކުނިޔޯ ޓަކަހާޝީގެ މިދަތުރުފުޅަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު ޓެކްނިކަލް ކޯޕަރޭޝަން އެގްރީމެންޓްގައި ސޮއިކުރުރެއްވުމަށް ކުރެވުނު ދަތުރުފުޅެކެވެ.