މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، 2 ބިލެއް މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތުން، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ފަލާހް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު (ޤާނޫނު ނަންބަރު 22/2010) މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތަށް، 43 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމްއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 6 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މީގެއިތުރުން، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު (ޤާނޫނު ނަންބަރު 31/79) މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، 73 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 14 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
19 ރަމަޟާން 1438
14 ޖޫން 2017