މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާ މިއަދު ބާއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ދެ ބިލެއް މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

މިގޮތުން، ސަރުކާރުގެ ފަރާތުން، ވިލިމާލޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލު  ބަލައިގަތުމަށް ފާސްކުރެއްވީ 34 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު މަޖިލީހަށް ބަލައިގަތް ދެވަނަ ބިލަކީ ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ފަލާޙް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރެއްވީ 34 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން، ތ. އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުންފިލުއްވައިދެއްވުމަށް އެދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. މިނިސްޓަރާކުރެވުނު ސުވާލަށް މިނިސްޓަރ ދެއްވާ ޖަވާބު ދެއްވައި ނިމުމުން، އިތުރު ސުވާލު ކުރުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ. މިގޮތުން، ހުޅުވާލެވުނު ފުރުޞަތުގައި މެންބަރުން 14 ސުވާލު ކުރެއްވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 ޖޫން 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

 

17 ރަމަޟާން 1438

12 ޖޫން 2017