ސައުތް އޭޝިއާ ގްރޫޕްގެ ޑެޕިއުޓީ ހެޑް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި (15.8.2010)

އިނގިރޭސިވިލާތުގެ ކޮމަންވެލްތް އެންޑް ފޮރިން އޮފީހުގެ ސައުތް އޭޝިއާ ގްރޫޕްގެ ޑެޕިއުޓީ ހެޑް މިސްޓަރ. ވިލް މިޑްލްޓަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔުތުންގެ މަޖިލީހުގައި މަސައްކަތް ކުރެވެމުންދާގޮތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމުގެ ގޮތުން ބޭއްވުނު މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ސައުތް އޭޝިއާ ގްރޫޕްގެ ޑެޕިއުޓީ ހެޑް މިސްޓަރ ވިލް މިޑްލްޓަންއަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާގުޅޭގޮތުން މަޢުލޫމާތު ދެއްވެވިއެވެ. އަދި މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދެވެނީ މިއަހަރުގެ މާޗް މަހުގައި އިސްލާޙުކޮށް ޢަމަލުކުރަންފެށި މަޖިލީހުގެ އާގަވައިދުގެ ދަށުންކަމަށްވިދާޅުވެ، މިގަވައިދުގެ ސަބަބުން މަޖިލީހުގެ މަސައްކަތް އެތައްތަނެއް ހަލުވިވެގެން ގޮސްފައިވާކަމަށާއި އަދި މަޖިލީހުގެ މަޖިލީހުގެ ދައުރު ވަރަށް ފުޅާވެފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި މަޖިލީހުގައި ވަރަށް ޑިމޮކްރެޓިކްކޮށް މަސައްކަތްކުރެވޭކަމަށާއި ޚިޔާލުތަފާތުވުންތަކަށް ވަރަށް ޖާގަ ލިބިދޭ ކަމަށާއި އަދި ވަގުތުވެސް ދެވޭކަމަށެވެ. ނަމަވެސް، ބައެއްފަހަރު ބައެއްކަންކަން ދިގުލައިގެން ދާދިއުމަކީ މިހާރު މަޖިލީހަށް ދިމާވަމުންދާ އެއްގޮންޖެހުކަމުގައި ފާހަގަކުރެއްވެވިއެވެ.

މިސްޓަރ. ވިލް މިޑްލްޓަން ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތަށް ހެޔޮއެދިވަޑައިގެން މަޖިލީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް ކުރައްވަވާ މަސައްކަތަށް ތަޢުރީފްކުރެއްވެވިއެވެ. އަދި ރާއްޖޭގެކަންކަން ރަނގަޅު ކުރުމަށް އެމަނިކުފާނަށް ކޮށްދެވެންއޮތް ކަމެއް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޕޮލިޓިކަލް އޮފިސަރ، ބްރިޓިޝް ހައި ކޮމިޝަން މިސް ޝަހުލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.