ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ދެވަނަ ދައުރުގެ މަސައްކަތް މިއަދު ފެށިއިރު އެކަން ބަރަކާތްތެރި ރަމްޟާމަހާ ދިމާވެފައިވާތީ، ބަރަކާތްތެރި ރަމްޟާމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި އެންމެހާ އަޙުންނާއި އުޚުތުންނަށާ އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު އަރިސްކުރެއްވިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މި ބަރާކްތެރި މައްސަރުގެ ދުވަސްތަކާއި ރޭތައް ވޭތުކުރަމުން މިދަނީ ޚުޟޫޢަތްތެރިކަމާއެކު ހެޔޮ ނިޔަތެއްގައި މާތްﷲ ފަރުޟުކުރައްވާފައިވާ މަތިވެރި އަޅުކަމެއް އަދާކުރުންމަތީ ދެމިތިބެ ކަމުގައި ވިދާޅުވިއެވެ. އަދި އެހެންކަމުން، ބަހާއި ޢަމަލުންވެސް ތަޤްވާވެރިކަމާއި ޚުޝޫޢަތްތެރިކަން ފެނިގެން ދިއުމަކީ މި މަހު ކުރާ އަޅުކަން އިތުރަށް ފުރިހަމަވެގެންދާނޭ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެގްރީމެންޓް ބިޓްވީން ދަ ގަވަރމެންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވަރމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް” ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއެކުރުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ.
އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) އަށް 7 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ)ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 06 ޖޫން 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
10 ރަމަޟާން 1438
05 ޖޫން 2017