ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން 3 ނަންފުޅެއް ފާސްކުރައްވައި، ސިވިލް ސަރވިސް ކޮމިޝަނަށް 5 މެންބަރުންގެ ނަންފުޅު ފާސްކުރައްވައިފި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންތައް ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އެރިޕޯޓަށް ބަހުސްކުރައްވައި، އެ ރިޕޯޓްގައިވާ 8 ނަންފުޅުގެ ތެރެއިން ހިޔުމަން ރައިޓްސް ކޮމިޝަނަށް މަޖިލީހުން 3 ނަންފުޅެއްވަނީ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން މިއަދު ފާސްކުރައްވައިފައިވާ ނަންފުޅުތަކަކީ، އަލްފާޟިލާ މަރިޔަމް ޢަޒުރާ އަޙްމަދު، މ. ހުކުރަދިގެ، އަލްފާޟިލާ ޖީހާން މަޙްމޫދު، ދޭލިޔާއާގެ، ޅ.ހިންނަވަރު އަދި އަލްފާޟިލް އަޙްމަދު ޠަލާލް، ހ.އައްޑޫގެއެވެ.

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް އެދޭ ފަރާތްތައްް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް އެކަމަށް އިޖާބަ ދެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ވަނީ މިއަދުގެ ޖަލްސާއަށް ހުށަހައްޅުއްވައިފައެވެ. އަދި އެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން 5 ނަންފުޅެއްވަނީ ފާސްކުރައްވައިފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަޖިލީހުން މިއަދު ފާސްކުރެއްވި ނަންފުޅުތަކަކީ، ޑޮކްޓަރ މުޙަންމަދު ލަތީފް، މއ.ކިނބި، އަލްފާޟިލް މުޙަންމަދު ފަހުމީ ޙަސަން، ގ.ކޮއްކިރި، އަލްފާޟިލް އަޙްމަދު ޙަސަން ދީދީ، ގ.ނިއުވޭވްސް، އަލްފާޟިލް ޢަބްދުﷲ ޖިހާދު، މމ. ދަފްތަރު ނަމްބަރު 1015 އަދި އަލްފާޟިލާ ޚަދީޖާ އާދަމް، ގ.އަލަފަރުއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި މަސައްކަތްކުރައްވާ ކޮމިޓީތަކުގެ މަސައްކަތްތައް ވީހާވެސް ހަލުވިމިނެއްގައި ނިންމަވާ ދެއްވުމަށް ކޮމިޓީތަކުގައި މަސައްކަތްކުރައްވާ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ޤާނޫނުއަސާސީގައި ކަނޑައަޅާ ވަކިގޮތަކަށް ނިންމަން މަޖިލީހަށް ޒިންމާ ޙަވާލުކޮށްފައިވާ ޤާނޫނުތައް ނުނިމެނީސް މިފަހަރު މަޖިލިސް ޗުއްޓީއަށް ދެވޭނެ ކަމަށް ޤަބޫލުނުކުރާ ވާހަކަ ވެސް މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ.