ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 6 ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 6 ނަންފުޅު ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވައި އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް ފާސްކުރައްވާ އެބިލުވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި (10.8.2010)

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 6 ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 6 ނަންފުޅު މަޖިލީހަށް އިއްވައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން އެނަންފުޅުތައް މަޖިލީހުގައި އިޢުލާންކުރައްވައި، އެނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހގެ ގަވައިދުގައި ވާގޮތުގެ މަތިން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފައިވާ ނަންފުޅުތަކަކ،ީ އައްޝައިޚް ޢަބްދުﷲ ޢަރީފް ނޫރާނީމާގެ / އއ. ތޮއްޑޫ، އަލްއުސްތާޛު ޢަލީ ޙަމީދު މުޙަންމަދު، މާލެހިޔާ 2 03-14، އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ ފަށުވިމާގެ / ލ. މާވަށު، އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ދަފްތަރު 4040، އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން މ. ގުލްފާމްގެ އަދި ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ ކޯޒީރައުންޑް، ސ.ހިތަދޫއެވެ.

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާ އެބިލުގެ ފުރަތަމަ ކިޔުން އިއްވައި އެބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށްގެންދަވާފައިވެއެވެ. އެއަށްފަހު، އެބިލު މަޖިލީހުން ކުރިއަށްގެންދިއުމަށް ފާސްކުރައްވައި ބިލު އިތުރަށް ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

64 މެންބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާ ދެން ފައްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރައްވާފައިވަނީ، މިރޭގެ 19:00 ގައެވެ.