ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލު މަޖިލީހުން ބަލައިގަތުމަށް، 53 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މި މިބިލުގެ އިބްތިދާއީ ބަހުސްގައި 20 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 24 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. 21 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

24 ޞަފަރު 1438
24 ނޮވެންބަރު 2016