މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު އެބިލު މިއަދު ފާސްކުރައްވައިފި (10.8.2010)

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލަށް މަޖިލީހުން ގެންނެވި 8 އިޞްލާޙާއެކު އެބިލު، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރައްވާއިފިއެވެ.

އަދި މިއަދުގެ ޖަލްސާގައި މިބިލުގެ 15 ވަނަ މާއްދާގެ (ކ) އަށް ކޮމިޓީން ދެގޮތަކަށް ހުށަހަޅުއްވާފައިވާ ދެ އިސްލާޙްގެ ތެރެއިން، ފުރަތަމަ ހުށަހެޅުއްވި އިސްލާޙަށް ވޯޓަށް އައްސަވާ އެހުށަހެޅުން ފާސްވުމުން ދެވަނައަށް ހުށަހެޅިފައިވާ އިސްލާޙަށް ވޯޓަށް ވަނީ ނާއްސަވައެވެ. 15 ވަނަ މާއްދާގެ (ކ) އަށް މަޖިލީހުން ފާސްކުރެއްވި  މިއިސްލާޙުގައިވަނީ، މި ޤާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ ފަނޑިޔާރުންނަށް އެޝަރުޠު ފުރިހަމަކުރުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ދޭންވާނެއެވެ. އެމުއްދަތު ނިމޭއިރު، އެއިން ފަނޑިޔާރެއްގައި، މިމާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ހުންނަންވާނެކަމަށް ބަޔާންކުރާ ޝަރުޠެއް ފުރިހަމަ ނުވާނަމަ، އޭނާއަކީ އެކަށީގެންވާ ޢިލްމު ލިބިގެންވާ ފަނޑިޔާރެއް ނޫންކަމަށް ކަނޑައެޅުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި އެކޮމިޝަނުން އެހެން ކަނޑައަޅައިފިނަމަ، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ގެންދެވުނު މަޖިލީހުގެ ޖަލްސާ މިހާރުވަނީ މެދުކަނޑުއްވާލައްވާފައެވެ. އެއީ މިއަދު ހެނދުނު މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމަށް ފޮނުއްވުމަށްޓަކައެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ހެނދުނު ދަންފަޅީގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މިއަދު ހެނދުނު މެދުކަނޑާލެއްވި މަޖިލީހުގެ ޖަލްސާ ދެން ފައްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރެއްވީ، މިއަދުގެ މެންދުރުފަހު 14:30 ގައެވެ.