އިންސާނީ ޙައްޤުތަކާބެހޭ އ.ދ އޮފީހުގެ ވަފުދެއް މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

އިންސާނީ ޙައްޤުތަކާބެހޭ އ.ދ އޮފީހުގެ 3 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގައި އިންސާނީ ޙައްޤުތަކާބެހޭގޮތުން މިހާރު މަސައްކަތް ކުރެވެމުންދާ ބިލްތަކާބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މަޖިލީހަށް ދިމާވެފައިވާ ދަތިތަކާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވުމެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި މިހާރުކުރިއަށްދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާއި އަދި ހެއްކާބެހޭ ބިލުގެ މަސައްކަތާބެހޭގޮތުން ޔޫ.އެން.އޮފީސް އޮފް ދަ ހައިކަމިޝަނަރ ފޯރ ހިއުމަން ރައިޓްސްގެ ވަފުދަށް މަޢުލޫމާތުއެރުވިއެވެ. އަދި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ގޮންޖެހުންތަކެއް ހުރިކަމުގައި ފާހަގަކުރައްވައި، ޤާނޫނީގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރެވޭ ބައެއް މަފްހޫމްތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް އެއްމާނައެއް ނެރެވޭ ބަސްތައްނެތުމާއި އަދި ފުދޭވަރަށް ފަންނީ ޤާބިލުކަން މަޖިލީހުގެ އިދާރާގައިވެސް ނެތްކަން ހާމަކުރެއްވެވިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ އ.ދ.އޮފީހުގެ ވަފުދު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވަނީ ޝަރުއީދާއިރާގެ ބޭފުޅުންނަށް މަޢުލޫމާތާއި ތާޒާކުރުމުގެ ބައްދަލުވުމެއް އިންތިޒާމް ކޮށްދެއްވުންކަމުގައި ވިދާޅުވެ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާބެހޭގޮތުން މަޖިލީހުގައި ކުރެވޭ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުވެދެއްވަވާނެކަމުގައި ވަފުދުގެ ފަރާތުން ބަޔާންކުރެއްވެވިއެވެ.