ޢިމާރަތްކުރުމުގެ ބިލު ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވާފައިވާ ޢިމާރަތްކުރުމުގެ ބިލު، ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް، 65 މެންބަރުންގެ ވޯޓުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް ނިންމަވައި، މި ބިލް ބާތިލްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުއާޒު މުޙައްމަދު ރަޝީދުއެވެ. މި ރިޕޯޓަށް މިއަދުގެ ޖަލްސާގައި، 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 27 އޮކްޓޯބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. އަދި މިބިލު ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 5 ނޮވެންބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.