ދެ ބިލެއް މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ދެ ބިލެއް މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
މި ގޮތަށް ފާސްކުރެއްވުމުން ބާތިލްވި ދެބިލަކީ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
މިގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައިވަނީ 65 މެންބަރުންނެވެ. މި އަދުގެ ޖަލްސާގައި، މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި 21 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
އަދި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައިވަނީ 67 މެންބަރުންނެވެ. މި އަދު ކުރިއަށް ގެންދެވުނު މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މި ދެބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 21 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިގޮތަށް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރުން ވޯޓް ދެއްވާފައިވާއިރު އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

23 ޞަފަރު 1438
23 ނޮވެންބަރު 2016