ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ޤަރާރު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، ރައްޔިތުންގެ މަޖިލީހުން ކްލެމިންސީ ބޯޑަށް ޢައްޔަން ކޮށްފައިވާ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް 41 މެންބަރުންގެ އަޚުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިރިޕޯޓު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. އަދި 1 މެންބަރަކު ވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ޤަރާރު ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވަނީ 17 ނޮވެމްބަރ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.

އަދި މި ޤަރާރު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވާފައިވަނީ 20 ނޮވެމްބަރު 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ޤައުމީ ސަލާމަތު ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ.