މިއަދުގެ ޖަލްސާގެ މަސައްކަތް އިންތިޒާމްކުރެވިފައިވާ ގޮތް ރިޔާސަތުން އިޢުލާންކުރައްވައިފި(10.8.2010)

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގެ މަސައްކަތްތައް އިންތިޒާމްކުރެވިފައިވާ ގޮތް ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

އެގޮތުން މިއަދުގެ އެޖެންޑާ އައިޓަމް 11.1 ގައިވާ ފަނޑިޔާރުންނާބެހޭ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިއުމަށްފަހު، އެބިލު ފާސްވުމުން، އެބިލު ތަސްދީޤްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމަށް މިއަދުގެ ޖަލްސާ މެދު ކަނޑާލާނެކަމަށްވެސް ރިޔާސަތުން ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރުންނާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައި ހަމަޖެއްސެވުމަށް އެޤާނޫނުގައި ކަނޑައަޅާ ޢަދަދަށް ނަންފުޅުތައް ޤާނޫނުގައިވާ ގޮތުގެމަތިން ފޮނުއްވައިދެއްވާނެކަމަށް ސަރުކާރު ނިސްބަތްވާ ޕާޓީގެ ފަރާތުން ޔަޤީން ކޮށްދެއްވާފައިވުމާއެކު، އެނަންފުޅުތައް މަޖިލީހަށް ލިބުމުން މިއަދު 2:30 ގައި، ޖަލްސާ އަލުން ފަށްޓަވާނެކަމަށްވެސް ރިއާސަތުން ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެނަންފުޅުތައް ދިރާސާކުރެއްވުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށްފަހު، ކޮމިޓީގެ މަސައްކަތަށް ފުރުޞަތު ދިނުމަށްޓަކައި ޖަލްސާ އަލުން މެދުކަނޑާލުމަށްފަހު، ކޮމިޓީގެ ރިޕޯޓް ނިންމަވައިދެއްވުމަށްފަހު، އެރިޕޯޓް ރިއާސަތައް ލިބުމުން އަލުން ޖަލްސާ ފަށަން ގަސްތުކުރާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ހަވީރު 4:00 ގައި ތިންވަނަ ދަންފަޅިއަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ. އެދަންފަޅީގައި ޖަލްސާގެ އެޖެންޑާގައި އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައެޅުމަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓް ކުރިއަށްގެންދިއުން އޮންނާނެކަމަށް ވިދާޅުވިއެވެ.

މި ދެ ރިޕޯޓް ހުށަހެޅުމަށްފަހު ވޯޓަށް ދަންނަވަން ގަސްދުކުރާކަމަށް ވިދާޅުވީ ދެ ރިޕޯޓުގައިވާ ނަންފުޅުތަކަށް އެކުގައި، އެއް ވޯޓަކުން އެކަން މަޖިލީހުން ނިންމަވާގޮތަށްކަމަށެވެ. އަދި އެނަންފުޅުތައް މަޖިލީހުން ފާސްކުރެއްވުމަށްފަހު ލަސްތަކެއްނުވެ، ހަމަ މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލަވާލައްވައި ހުވާކުރެއްވުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިދެއްވާނެ ކަމަށް ސަރުކާރު ނިސްބަތްވާ ޕާޓީން ޔަޤީންކޮށްދެއްވާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ މިމަސައްކަތުގައި މިހާ ހިސާބަށް މިއާދެވުނީ ޚިޔާލުތަފާތުވުންތަކާއި، ދެބަސްވުންތަކާއެކުވެސް، އެއްރޫޙެއްގައި އެއް އަމާޒަކަށް ދަތުރުކުރެވިގެންކަމަށެވެ. އަދި ވަރަށް ދަތި އަދި ހަމައެހާމެ ޙައްސާސް ވާހަކަދެއްކުންތަކެއްގެ ތެރެއިންކަމަށާއި، މިކަންތައްތަކަށް ޙައްލު ހޯދުމުގައި ވަރަށް ގިނަ ފަރާތްތަކަކުން އެހީތެރިކަމާއި، އެއްބާރުލުން ދެއްވާފައިވާކަމަށާއި އަދި ޚިޔާލާ މަޝްވަރާ ދެއްވާފައިވާކަމަށެވެ.