މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ޖުމްލައަދަދަކީ 26،791.5 ބިލިއަން ރުފިޔާއެވެ. އަދި މި ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 49.3 އިންސައްތައެވެ.
މީގެ އިތުރުން، 2017 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 14.1 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 4.9 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި މަޝްރޫޢުތައް ހިންގުމަށް 825 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ. 2017 ވަނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ޑެފިސިޓަކީ 303.7 މިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 0.5 އިންސައްތައެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވެފައިވަނީ، 2017 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސްގެ މަރުޙަލާ ފެށޭނީ 14 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހު ކަމުގައެވެ.
ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.
8 ޞަފަރު 1438
8 ނޮވެންބަރ 2016