ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފައިޞަލް ނަސީމް ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަތުމަށް ފާހެއްނުވިއެވެ.

މި ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 36، މެންބަރުން ވޯޓުދެއްވާފާވާއިރު ބިލު ބަލައިގަތުމަށް ވޯޓުދެއްވާފައިވަނީ 18 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 27 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި ، މި މިބިލަށް 16 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 17 އޮކްޓޯބަރ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.