ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

_dsc5645މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ގޮތަށް ފާސްކުރެއްވުމަށް ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 40 މެންބަރުންނެވެ. މައްސަލަ، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 5 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިމައްސަލައަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން، 15 ޖުލައި 2015 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ކޮމަންވެލްތްގައި ރާއްޖެއިން ޙަރަކާތްތެރިވަމުން އަންނަ ގޮތާއި މިންވަރު އަލުން މުޠާލިއާ ކުރުން މުހިންމު ކަމަށް ވަޒީރުންނަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދެއްވާފައިވާތީ، މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ މަޝްވަރާއާއި ލަފާފުޅެއް ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލައަށް 18 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިމައްސަލައިގެ ބަހުސް އެންމެ ފުރަތަމަ ކުރިއަށް ގެންދެވިފައިވަނީ 20 ޖުލައި 2015 ވީ ހޯމަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

17 މުޙައްރަމް 1438

18 އޮކްޓޯބަރ 2016