“މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ” ގެ ނަން “މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ” ގެ ނަމަށް ބަދަލުކުރައްވައި އެމިނިސްޓްރީގެ މަސައްކަތްތަކަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ” ގެ ނަން 2016 ޖޫން 22 އިން ފެށިގެން “މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ” ގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތު ދާއިރާގެ ގޮތުގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ބަލަހައްޓަވަމުން ގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންކަން ހަމަޖައްސަވައި، ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ “ފިޔަވަތި”، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއްގެ ގޮތުގައި 2016 އޮގަސްޓު 28 އިން ފެށިގެން ހަމަޖައްސައި އެމިނިސްޓްރީގެ މަސައްކަތްތަކަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

5 މުޙައްރަމް 1438

6 އޮކްޓޯބަރ 2016